މިއީ އަހަރެން ދައްކަން ބޭނުންވި ވާހަކައެއް ނޫން! އޭނާގެ ހުރި ހަމައެކަނި ދަރިފުޅު މަރުވީ އޭނާޔަށް ދުވަހަކުވެސް ނުފެނި

މިރޭ މިދަންވަރު ނުނިދިގެން މިއުޅެނީ މިވާހަކަ ކޮންމެވެސް މީހަކަށް ކިޔައިދީފައި ނޫނީ ނިދަން ބޭނުން ނުވާތީއެވެ. މާދަން ވާނެގޮތެއް ވާންވީއެވެ. އަހަރެންގެ އަގައިން އަހަރެން ބުނަން ބޭނުންވި ބަސް ބޭރުކޮށް ހިތްހަމަޖެހުން ހޯދަން ބޭނުންވީއެވެ. ދިމާވި ހާދިސާކުރުގޮތަކަށް ބުނެލާނަމެވެ. މިރޭގެ ވަގުތެއްގައި ރައްޓެއްސަކާއި އެކު ކޮފީއެއްގައި އިންދާ އެގުޅީ ނުދަންނަ ނަންބަރަކުންނެވެ. ކާކުތޯ ބަލަން ފޯނުނެގުމުން ބުނެލީ ޖަލުގައިއޮތް އަހަރެންގެ ކްލައިންޓެއްގެ ނަން ބުނުމަށްފަހު އޭނަގެ ހުރި ހަމައެކަނި ދަރިފުޅު މަރުވި ވާހަކައެވެ. އެއާއި އެކު ބުނެލީ އެވާހަކަ އޭނަޔަށް ކިޔައި ނުދިނުމަށެވެ. އެއީ އޭނަޔަކީ މަސްނޫއީ ހިތެއްލައްވާފައިވާ މީހަކަށްވެ އެހިތުގެ މުއްދަތުކަމަށް ޑޮކަޓަރުން ލަފާދީފައިވާ 20 އަހަރު މިހާރު ހަމަވެ އަލުން އޮޕަރޭޝަން ކުރަންޖެހިފައި ވުމެވެ.

އަހަރެން އެންމެފަހުން އޭނާއާއި ބައްދަލުވީ އިއްޔެއެވެ. އަހަރެން ގާތު އޭނާ މައްސަލައިގެ ކަންކަމަށްވުރެ ބޮޑަށްދެއްކީ އޭނާގެ ބަލިހާލަތުގެ ވާހަކައެވެ. ކާއެއްޗެހި ނުކެވޭ ވާހަކައެވެ. ގައިގައިރިއްސާ ވާހަކައެވެ. އުނަގަނޑުގައި މާބޮޑަށްވެސް ރިއްސާވާހަކައެވެ. އައިޖީއެމްއެޗްގައި އެޑްމިޓްކުރި ވާހަކައެވެ. ދައްކަނީ އޭނާގެ އޮޕަރޭޝަނެވެ. ތަކުރާރުކޮށް އަބަދު ބުނަމުންދަނީ އޭނާގެ ދަރިފުޅު ވިހެއިތަނާ ޖަލަށް އައުމުން ދަރިފުޅު ނުފެނުނު ވާހަކައެވެ. ދަރިފުޅަކީ ހިތުގެ ބަލީގެ މީހަކަށްވީތީ ޑޮކްޓަރުން އޮޕަރޭޝަން ކުރަން ލަފާދިނަސް އޮޕަރޭޝަން ކުރަން އާއިލާއިން ބޭނުންވަނީ އޭނަގޮސްގެން ކަމުގައިވާތީ ޔަގީންކަން ނެތް އެ އޮޕަރޭޝަންކުރަން އޭނަ ދާންބޭނުން ވާހަކައެވެ. ގިނަވަގުތު ހިތްދަތިކޮށްފައި ރޮނީއެވެ.

މިހިސާބުން އޭނާގެ ކުށަކީކޮބައިތޯ ސުވާލުއުފެދޭނެއެވެ. އޭނަގެ ޙަޤީޤީ ކުށަކީ މިދިވެހިރާއްޖެއަށް މަސައްކަތްކުރަން އައުމެވެ. އޭނަޔަކީ ޑިގްރީގައި މާމޮޅު ނަތީޖާއެއް ނުލިބުނު މީހެއްކަމުން ދަށުން މާކްސްލިބޭ އެހެން އެކްސްޕާޓްރިއޭޓްސްވެސް އަންނަ އުޞޫލުން މަސައްކަތްކުރުމުގެ ނިޔަތުގައި ރާއްޖެއައީއެވެ. އޭނަބަލާ އެއަރޕޯޓަށް ދިޔައީ މަސައްކަތްކުރަންޖެހޭ ކުންފުނީގެ ބިދޭސީ މުވައްޒަފެކެވެ. ކުޑަބޮހެކެވެ. އޭނަ ނިދަންޖެހޭތަން ދެއްކީވެސް މިދެންނެވި ބިދޭސީ މުވައްޒަފުމީހާއެވެ. ވަޒީފާ އަދާކުރާތަނުގައި މަސައްކަތް ކުރަނިކޮށް ކުޑަ އެހެނަސް ބޮޑުމީހެއްގެ ގޮތުގައި އޭނަދެކޭ ބާރުގަދަ ބިދޭސީ މީހާއާއި އޭނަޔާއި ދެމީހުން ކުންފުނީގެ ތަޙުޤީޤަކަށް ހާޟިރުކުރެވެއެވެ. އަދި އެތާގައި ތިބި މީހުން ބުނިގޮތަކަށް ވާހަކަ ދެއްކުމަށް އެއްބަސްވުމުން އެތަނުން ވަޒީފާއިން ވަކިވިކަމުގެ ރީތިލިޔުމެއް ދޭނެކަމުގެ ހުވަފެން އެމީހުންދައްކައެވެ. ބޮޑު ބިޔަ ކުންފުންޏަކުން އެފަދަލިޔުމެއް ލިބޭތީ އޭނަ އުފަލުން ޕޮލިހަށް ދިޔައީ މިބެދޭ މަޅީގެ ބޮޑުކަން ނޭގިހުރެއެވެ.

ތަޙުޤީޤުގައި ކުރެވުނު ކޮންމެ ސުވާލަކަށް އޭނަ އާއެކޭ ބުނެ ޖަވާބު ދެމުންދިޔައީ ވަޒީފާ ދިންތަނުން ލިބުނު ޔަގީންކަމާއި، ކުޑަ ބޮސް ދިން ޔަގީންކަމާއި، ދިވެހި ޝަރުޢީނިޒާމަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ. އަދި ހަމައެއާއި އެކު ކުޑަބޮސްގެ ލަފަޔާއި، ޖަލުން އޭނައާއި ބައްދަލުކުރި އޭނަގެ ގައުމުގެ އޮފިޝަލުން ވަކީލެއްގެ އެހީނުހޯދައި ފުލުހުންނަށް އެއްބާރުލުން ދިނުމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ފުރޭނެކަމަށް ބުނުމުން އެމީހުން ބުނިގޮތަށް އޭނަކަންކުރީއެވެ. ދުވަސްތައް ދިގުލައިގޮސް މުއްދަތަކަށްފަހު މުއްދަތެއް އިތުރުކޮށް އަދި ވަކި ހިސާބަކުން ދަށުކޯޓުން ދޫކުރުމުން މަތީކޯޓުން އެދޫކުރި ދޫކުރުން ރަގަޅުނޫންކަމަށް ނިންމި ހިސާބުން ފެށިގެން މުއްދަތު ޖަހައިޖަހައި ހަމަސް ފާއިތުވުމުން އޭނާ ވަކީލެއްގެ އެހީހޯދުމަށް އަހަރެންނާއި ބައްދަލުކުރަން ބޭނުންވެގެން ބުންޏެވެ.

އޭރުވަނީ ތަހުޤީޤުނިމި ޝަރިޢަތަށް ހުށަހެޅުމުގެ މަގުމަތީގައެވެ. އަވަސްގޮތަކުން ޝަރީޢަތަށް މައްސަލަ ގެނެވޭތޯ އަހަރެން ބެލީމެވެ. މައްސަލަ ޝަރީޢަތަށް އައުމުން އޭނާގެ ބަންދުން ދޫކޮށްދިނުމަށް އެދި ހުށަހަޅާ ކޮންމެ ފަހަރަކު ދަޢުލަތުން ޖަވާބަކަށް ބުނަމުންދިޔައީ ބިދޭސީއެއްވީމަ ދޫކޮށްފިއްޔާ ފިލާފާނެވާހަކައެވެ. ރަގަޅެވެ. ބިދޭސީއެކެވެ. އެހެން ނަމަވެސް ޤާނޫނުގެ ކުރިމަތީގައި ހަމަހަމައެވެ. ފިލާފާނެކަމަށް ބެލެވޭ ކަމެއްނެތި ފިލާފާނެކަމަށް ބަންދުކުރުމަކީ ބަންދު ސައްޙަކުރެވިގެންވާނެ ހުއްޖަތެއްނޫނެވެ. ދެވަނަ ބަހަކަށް ބުނަމުންދިޔައީ ބިދޭސީއެއް ވީމަ ދެންތިބީވެސް ބިދޭސީން ކަމުގައިވާތީ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށެވެ. މިވާހަކަ އަޑުއިވުމުން ޤާޟީއަށްވެސް ހީފުޅުވެލައްވަނީ އެދައްކަނީ ކިތަންމެ ތަނަކުން ރަގަޅުވާހަކައެއް ކަމަށެވެ. ޤާޟީ ހަދާނުގައި ނުހުންނަނީ ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަވާނެކަމަށް ޤާނޫނު އަސާސީގެ 20 ވަނަ މާއްދާގައި އޮންނަކަމެވެ. ބިދޭސީއެއްވީމައެވެ.

އަހަރެން މަޑުކޮށްގެންހުރީ ދަޢުވާ ލިބޭ ފަރާތަށް ފޮނުވޭ ލިޔެކިޔުންތައް ލިބެންދެނެވެ. ލިޔެކިޔުންތަކުން އެނގުނީ އޭނަގެ މައްޗަށް ސައްޙަ ހެކިބަހެއް ލިބިފައި ނެތްކަމެވެ. ކުޑަބޮސް އޭނަޔާއި އިދިކޮޅަށް ދިން ހެކިބަހާއި އޭނަގެ އަމިއްލަ އިޢުތިރާފް ނޫން އެއްވެސް އެއްޗެއް ނެތްތަނެވެ. ދަޢުވާ އުފުލިފައިވަނީ ޤާނޫނުލް އުޤޫބާތުގެ 310 ވަނަ ބާބުގެ ދަށުން ދެކުށެއް ކުރިކަމަށެވެ. އެހެން ނަމަވެސް އޭނަގެ އަމިއްލަ އިޢުތިރާފް އެއީ ޞައްޙަ އިޢުތިރާފެއް ކަމުގައި ބެލިނަމަވެސް ދައުވާކުރެވޭނީ 310 ވަނަ ބާބުގައި ބުނެފައިވާ ޖުނަޙު 1 ވަނަ ދަރަޖައިގެ އެންމެ ކުށަކަށެވެ. އެއީ 4 މަހާއި 24 ދުވަހެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ މުޚާލަފާތަކަށްވުންވެސް އެކަށީގެންވާ އަދި މައްސަލައަކީ ހުއްދަ ދިފާޢެއް ކަމުގައިވާ ބާރުގެ ބޭނުންކޮށްފާނެ ކަމުގެ ނުފޫޒު ދިފާޢެއްގެ ގޮތުގައި ބޭނުންކުރެވިދާނެ މައްސަލައެއް ކަން މައްސަލަ ދިރާސާކުރި ދަޢުލަތުގެ ވަކީލަށް އެނގިލައްވަންވާނެއެވެ. މިހެންވުމުން ދިގުނުދަންމައި ނިންމިނަމަ ހާދަރަގަޅުވީހެވެ.

އެހެނަސް މުޅި ނިޒާމުގެ ތެރޭގައި އުފެދިފައިވާ އެންމެގިނަ މަސައްކަތްކުރި މީހާގެ ލަގަބުހޯދުމުގެ ރޭހާއި ބޮސްގެ ރުހުން ހޯދުމުގެ ބުރަ މަސައްކަތާއި، މިފަދަ ބައެއް ބޭކާރު ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ޢާންމު އަޚުލާޤާއި މަސައްކަތުގެ ސުލޫކުމިވަނީ ވަޔެއްއަރާހެން އަރައިގެން ގޮސްފައެވެ. މިހުރިހާ ކަމެއްގެ ތެރެއިން، އުޅެންޖެހޭ ހާސްކަމާއި، ކުލީގެ އުދަގުލާއި، ތަކެތީގެ އަގު އިންތިހާއަށް އަރައިގެން ދިއުމާއި، ރުފިޔާގެ އަގެއް ނެތުމަކީ ވަޒީފާތަކުގައި އުޅޭމީހުންގެ އަނެއް އަޅުވެތިކަމެވެ. ނަތީޖާ މިފެންނަނީ ޚިދުމަތް ލިބިގަންނަ މީހުންގެ ޙައްޤުތަކަށް އުގުރިޖަހާފައިހުރި ކަންފަތެއްދޭން މަޖުބޫރުވުމެވެ. ވަގުތުގެ ތާށިކަމުންނެވެ. މިވަގުތުގެ ތާށިކަން ހިތަށް ގެނެވޭނީ ތިމާ މަޅިއަކަށް މެހޭ ދުވަހުއެވެ. ނޭގިހުއްޓާ ޖަލަށްދާންޖެހި ހުރި ހަމައެކަނި ދަރިފުޅު ނުވަތަ ދަރިންތަކުގެ މޫނު ނުފެނި މަރުވާދުވަހަކުންނެވެ.